•    ހޯއްދެވުމަށް:
      އަޕްޑޭޓްސް އާއި ޚަބަރު ލިބިލެއްވުމަށް:
    

    Advertise Here



    Advertise Here


    އިރު ކޭތަ
    އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް


    بسم الله الرحمن الرحيم

     

    الصَّلَاةُ جَامِعَةٌ ! ނަމާދަށް އަވަސް ވާށެވެ! ނަމާދު ފަށަން ވަނީ ތައްޔާރުވެފައެވެ! މީހަކު ގޮވަމުން ދިޔަ އަޑު އިވުނެވެ. أَبو بَكْرَةَ رَضِيَ اللَّهُ عَنْهُ ވިދާޅުވިއެވެ. ތިމަން ބޭކަލުން النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ އަރިހުގައި ވަނިކޮށް އިރު ކޭތަ ހިފައިފިއެވެ. ފަހެ އިތުރު އެކަލޭގެފާނުން އަވަސް ކުރައްވައި އެކަލޭގެފާނުންގެ ރިދާކޮޅު ދަންމަވަމުން ތެދުވެ ވަޑައިގެންނެވިއެވެ. އަދި މިސްކިތައް ވަޑައިގަންނަވައި މީހަކު ފޮނުއްވައި ނިދާ އިތްވެވިއެވެ. ދެން މީސްތަކުންނާއިގެން ވަރަށް ރިވެތި، ފުރިހަމަ، ދިގު ނަމާދެއް ކުރައްވައި ޚުޠުބާ ވިދާޅުވިއެވެ. އެ ޚުޠުބާގައި އިރު ކޭތައާއި މެދުގައި ޖާހިލިއްުޔަތުގައި މީހުން ގަބޫލު ކުރަމުން އައި ޢަޤީދާ ބާޠިލު ކުރައްވައި، އެކަމުގައި އެއްވެސް މީހަކަށް އެނގިފައި ނުވާ އަދި ސައިންސް ވެރިއަކަށްވެސް ދުވަހަކު ނުހޯދޭނެ ހަގީގަތެއް އަންގަވައިދެއްވައި، ކޭތަ ހިފާތަން ފެނިއްޖެ ނަމަ މުސްލިމަކު ކަންތައް ކުރަން ޖެހޭނެ ގޮތް އަންގަވައި ހަދީޘް ކުރެއްވިއެވެ. ((إِنَّ الشَّمْسَ وَالْقَمَرَ آيَتَانِ مِنْ آيَاتِ اللَّهِ لَا يَنْكَسِفَانِ لِمَوْتِ أَحَدٍ وَلَا لِحَيَاتِهِ وَلَكِنَّ اللَّهَ تَعَالَى يُخَوِّفُ بِهَا عِبَادَهُ)) [البخاري ومسلم] މާނައީ: " ހަމަކަށަވަރުން އިރާއި ހަނދަކީ މާތް ﷲގެ ކުޅަދުންވަންތަ ކަމާއި އެކަލާނގެ އެއްކައުވަންތަ ކަމުގެ ހެކިތަކުގެ ތެރެއިން ދެ ހެއްކެވެ. އެ ދެއެތި ކޭތަ ހިފަނީ އެއްވެސް މީހެއްގެ އުފަންވުމާއި އަދި މަރުވުމާއި ގުޅިގެނެއް ނޫނެވެ. އަދިކިޔެއް، އެދެކަންތަކުން މާތް ﷲ އެކަލާނގެ އަޅުތަކުން ބިރުވެތި ކުރައްވަނީއެވެ."

    އާންއެކެވެ! އެދުވަހަކީ އިތުރު އެކަލޭގެފާނުންގެ ދަރިކަލުން އިބްރާހީމު އަވަހާރަވެ ވަޑައިގެންނެވި ދުވަހެވެ. ޖާހިލިއްޔަތުގައި މީހުން ހީކުރަނީ އިރު ކޭތަ ނުވަތަ ހަނދު ކޭތަ ހިފުމަކީ ކޮންމެވެސް މާތް، މޮޅު މީހަކު އުފަންވުމުން ނުވަތަ ދުނިޔެ ދޫކުރުމުން އެކަމާއި ގުޅިގެން ވާ ކަމެއް ކަމުގައެވެ. ނަމަވެސް އެއީ އެފަދަ ކަމަކާއި އެއްވެސް ގުޅުމެއް ހުރި ކަމެއް ނޫނެވެ. އަދިކިޔެއް އެއަށްވުރެ މާ ބޮޑު ސިއްރެއް އެކަމުގައި އެބަ ވެއެވެ. އެއަށްވުރެ މާ ބޮޑު ހިކުމަތަކާއި ފިލާވަޅެއް އެކަމުގައި އިންސާނުންނަށް އެބަ އޮތެވެ. ޖާހިލިއްޔަތުގެ އެ ތާކުންތާކު ނުޖެހޭ ހީކުރުން ގޯސް ކުރައްވަވައި އުޑުތަކާއި ބިން، އިރުހަނދާއި ތަރިތައް އޭގެ ފަލަކު ތަކުގައި ލައްވައި އެތަކެތި ހިންގަވާ ގަދަ ކީރިތި ވަންތަ މާތް ރަސްކަލާނގެ ހަޟުރަތުން ވަހީގެ އަލީގައި މެނުވީ ބަސް ވިދާޅު ނުވާ މާތް ސާހިބާ ޞައްލަ ﷲ އަލައިހި ވަސައްލަމް އޭގެ ފަލަކީ ސިއްރު ބުނެދެއްވައި އަންގަވާފައިވަނީ އެއީ އެއްވެސް މީހެއްގެ މާތްކަމާއި މޮޅުކަމަކާއި ގުޅުމެއް ހުރި ކަމެއް ނޫނެވެ. އަދި ކިޔެއް، އެއީ އާދަމުގެ ދަރީންނާއި ކުރިމަތިވާން އޮތް ބޮޑު ދުވަހަކާއި ބިރުވެރި ވަގުތެއްގެ އިންޛާރެވެ. {إِذَا الشَّمْسُ كُوِّرَتْ} "އިރު ފަށްފަށް ޖެހި އޭގެ އަލިކަން ހިނގައިދާ ދުވަސް ހަނދުމަކުރާށެވެ!" އެދުވަހު {وَإِذَا النُّجُومُ انْكَدَرَتْ} "ތަރިތައް އޭގެ ފަލަކުތަކުން ނެއްޓި ކުނޑި ކުނޑިވެ އޭގެ ނޫރު ނެތިދެއެވެ." {وَإِذَا الْجِبَالُ سُيِّرَتْ} "ފަރުބަދަތައް ކަފަކޮޅު ތަކެއް ފަދައިން ޖައްވުގައި އުދުހޭ ދުވަހެވެ." {وَإِذَا الْعِشَارُ عُطِّلَتْ} "މާބަނޑު ޖަމަލުތައް (އަދި އަގު ބޮޑެތި މުދާތައް) އަޅައިނުލައި ދޫކޮށްލެވޭ ދުވަހެވެ." {وَإِذَا الْوُحُوشُ حُشِرَتْ} " (ބަދަލު ދެއްވުމަށްޓަކައި) ދިރޭ އެއްމެހައި ތަކެއްޗެއް އަލުން ދިރުވި އެއްކުރެވޭ ދުވަހެވެ." {وَإِذَا الْبِحَارُ سُجِّرَتْ} "ކަނޑުތައް ރޯވެ އަނދައިގެން ދާ ދުވަހެވެ." {وَإِذَا النُّفُوسُ زُوِّجَتْ} "ނަފްސުތައް އޭގެ ޖޯޑުތަކާއި ވައްތަރުތަކާއި ގުޅުވޭ ދުވަހެއެވެ." {وَإِذَا الْمَوْءُودَةُ سُئِلَتْ} "ދިރިދިރި ހުއްޓައި ވަޅުލެވުނު ކުއްޖާ އާއި ސުވާލު ކުރެވޭ ދުވަހެވެ." {بِأَيِّ ذَنْبٍ قُتِلَتْ} "އެކުއްޖާ މަރާލެވުނީ ކޮން ކުށަކާއިލައިގެންތޯއެވެ؟" {وَإِذَا الصُّحُفُ نُشِرَتْ} "ޢަމަލުގެ ފަތްތައް ނިއުޅުވާލެވޭ ދުވަހެވެ." {وَإِذَا السَّمَاءُ كُشِطَتْ} "އުޑު ފަޅަފަޅައިގެން ދާ ދުވަހެވެ." {وَإِذَا الْجَحِيمُ سُعِّرَتْ} "ނަރަކައިގެ އަލިފާންގަނޑު ރޯކޮށްލެވޭ ދުވަހެވެ." {وَإِذَا الْجَنَّةُ أُزْلِفَتْ} "އަދި ސުވަރުގެ (އޭގެ އަހުލުވެރިންނާއި) ގާތް ކުރެވޭ ދުވަހެވެ." {عَلِمَتْ نَفْسٌ مَا أَحْضَرَتْ} "އެހިނދު ކޮންމެ މީހަކަށްވެސް އެމީހަކު ކުރި ހެޔޮ ކަމަކާއި ނުބައިކަމެއް އިނގޭނެއެވެ."

    އާދެ، ކޭތަ ހިފުން އަޅުގަނޑުމެން މުސްލިމުންނަށް ސިފަ ކޮށްދެނީ، ޤިޔާމަތުލް ކުބްރާގެ ބިރުވެރި މަންޒަރެވެ. އެކަން އަޅުގަނޑުމެނަށް ހަނދާން ކޮށްދެނީ؛ މި ޢާލަމާއި ކައުނަކީ މާތް ﷲ ގެ މަޚްލޫގުން ކަމެވެ. އެ ހުރިހައި ތަކެއްޗަކީ އެކަލާނގެ އަމުރުފުޅަށް ހިނގާ އެއްޗެއް ކަމެވެ. މިއަދު އަޅުގަނޑުމެންގެ ބޯމަތީގައިވާ މިވާ އަލި ގަދަ އިރު އެކަލާނގެ އަމުރުފުޅަށް ކަނޑައަޅުއްވާފައިވާ ފުރިހަމަ ނިޒާމެއްގެ ދަށުން އަނދިރިވާ ފަދައިން އެދުވަހުގައި ވެސް ހަމަ މިފަދައިން އިރުގެ ނޫރު ނިވި، އަނދިރިކަން އަންނާނެ ކަމެވެ. އެއީ ކޮން ވަގުތެއް ކަމެއް ކަލްކިއުލޭޓު ކުރާކަށް އެކަކަށްވެސް ނޭންގެއެވެ. އެއީ ކުއްލިއަކަށް ހީވެސް ނުކޮށް ތިއްބައި އަންނަ ދުވަހެވެ. އިރު ކޭތަ އާއި ހަނދު ކޭތަ އަކީ ފަހުން އަންނަން އޮތް ބޮޑު ދުވަހުގެ މަތިން ހަނދާން ކޮށް ދިނުމަށްޓަކައި އެކަލާނގެ އަޅުތަކުންނަށް ދައްކަވާ ކަމެކެވެ.

    މިއަދު ޖައްވާއި ފަލަކުގެ ދިރާސާ ކުރުމުން ކޭތަ ހިފާގޮތް ނުވަތަ އެކަން ހިނގުމަށް އެކަލާނގެ ހަމަޖައްސަވާފައިވާ ގޮތް ވަރަށް ސާފުކޮށް ފެންނަން އެބަ ހުއްޓެވެ. އެއީ އެކަލާނގެ ކުޅަދުން ވަންތަކަން ފިޔަވައި އެހެން ކަމެއް ނޫނެވެ. ހަމަ އެފަދައިން ޕްލެނެޓް ތަކުގެ ދައުރު ކުރުމަށް ބަލައި ކަލްކިއުލޭޓް ކުރުމުން ކޭތަ ހިފާނެ ދުވަހާއި ވަގުތު ވެސް އަންދާޒާ ކޮށްލަން އިނގެއެވެ. ނަމަވެސް އެކަމުން އިންސާނުންނަށް ހުރި ލާބައެއް ނުވަތަ މަންފާއެއް ފެންނާކަށް ނެތެވެ. ހަމަ އެކަނި ވާ ކަމަކީ ބައިބަޔަށް ގްރޫޕް ގްރޫޕަށް އަންހެނުންނާއި ފިރިހެނުން ކުޑަކުދިންނާއި މުސްކުޅިން، އިރުބަލާ އައިނު އަޅައިގެން ކޭތަ ހިފާ މަންޒަރު ބެލުމަށްޓަކައި ނުކުތުމެވެ. އެމަންޒަރު ބެލުމަށް ނުކުންނަ މީހުނަށް އެކަމުގެ ހަގީގަތް އިނގޭނެ ނަމަ ކޮން ފަދައެއް ހެއްޔެވެ! މާތް ﷲ އެކަމުން އެކަލާނގެ އަޅުތަކުންނަށް ދެއްވުމަށް އިރާދަ ކުރައްވާފައިވާ އެކަލާނގެ އެއްކައުވަންތަކަމާއި ކުޅަދުން ވަންތަ ކަމާއި އެކަލާނގެ ގަދަ ކީރިތި ވަންތަކަން އެބައި މީހުނަށް ހަނދާން ވާ ނަމައެވެ! އެ މަންޒަރު ދެކެ ގިޔާމަށް ހަނދާންވެ ގިޔާމަތް ދުވަސް އަންނާނެ ކަމުގެ ޔަގީންކަމާއި އެދުވަހުގެ ބިރުވެރިކަމާއި ބޮޑުކަން ވިސްނި އެދުވަހަށް ތައްޔާރު ވާނެ ނަމަ ކޮންފަދައެއް ހެއްޔެވެ! ކޭތަ ހިފާ މަންޒަރު ބަލަން ނުކުންނަ ގިނަ މީހުންނަކީ އެފަދަ ކަންކަމަށް އީމާން ނުވާ، އެކަމުގެ ޝަރުޢީ އިލްމުނެއް ކާފަރުންނެވެ. އެފަދަ ކަންކަމަކީ ކުޅިވަރެއް ކަމުގައި މުސްލިމުން ނުހަދާނެއެވެ. އަދިކިޔެއް އެބައިމީހުން އަވަސްވެ ގަންނާނީ ﷲ އާއި އެކަލާނގެ ރަސޫލާ އަންގަވާފައިވާ ކަންތައްތައް ކުރުމަށެވެ.

    ކޭތަހިފާ ދުވަހާއި ވަގުތު އެނގުމަކީ އަޅުގަނޑުމެން މުސްލިމުންނަށް މުހިންމު ކަމެއް ނޫނެވެ. އަދިކިޔެއް، މާތް ނަބިއްޔާ އަޅުގަނޑު މެނަށް އަންގަވާފައިވަނީ ((إِنَّ الشَّمْسَ وَالْقَمَرَ آيَتَانِ مِنْ آيَاتِ اللَّهِ لَا يَخْسِفَانِ لِمَوْتِ أَحَدٍ وَلَا لِحَيَاتِهِ فَإِذَا رَأَيْتُمْ ذَلِكَ فَادْعُوا اللَّهَ وَكَبِّرُوا وَصَلُّوا وَتَصَدَّقُوا)) [البخاري ومسلم] މާނައީ: " ހަމަކަށަވަރުން އިރާއި ހަނދަކީ މާތް ﷲގެ ކުޅަދުންވަންތަ ކަމާއި އެކަލާނގެ އެއްކައުވަންތަ ކަމުގެ ހެކިތަކުގެ ތެރެއިން ދެ ހެއްކެވެ. އެ ދެއެތި ކޭތަ ހިފަނީ މީހަކު އުފަންވުމާއި މަރުވުމަކުން ނޫނެވެ. ފަހެ ތިޔަބައިމީހުނަށް ކޭތަ ހިފާތަން ފެނިއްޖެ ނަމަ ﷲ އަށް ދަންނަވައި، ތަކުބީރު ކިޔައި، ނަމާދު ކޮށް ޞަދަގާތް ކޮށް ހަދާށެވެ!" އަނެއްބައި ލަފްޡުތަކުގައި ވެއެވެ. ((فَادْعُوا اللَّهَ وَصَلُّوا حَتَّى تَنْكَشِفَ)) " ކޭތަ ހިފާ ތަން ފެނިއްޖެ ނަމަ ވީއްލައިފުމަށް ދާންދެން ދުޢާކޮށް ނަމާދުކޮށް ހަދާށެވެ!"

    ފަލަކީ ހިސާބުން ވަކި ގައުމުތަކަކަށް ކޭތަ ހިފާނެކަމުގައި ދެއްކި ނަމަވެސް ކޭތަ ނަމާދުކޮށް ދުޢާކޮށް ހަދަން ޖެހޭނީ ހަގީގަތުގައި ކޭތަ ހިފާތަން ފެންނަ މީހުންނެވެ. ފަލަކީ ހިސާބުގެ އަންދާޒުން ދެއްކި ނަމަވެސް ކޭތަ ހިފާ މަންޒަރު ނުފެންނަ ބަޔަކު އެކަމަށް އަމަލު ކުރާކަށް ނުޖެހޭނެއެވެ. އިސްވެދިޔަ ހަދީޘްގައި ވާ ((فَإِذَا رَأَيْتُمْ ذَلِكَ)) އެ ބަސްފުޅުގެ ފިގުހުން މިކަން ސާފުކޮށް އިނގެއެވެ.

    މާތް ﷲ އަޅަމެންނީ އެކަލާނގެ ކޯފާއާއި ޢަޛާބަށް ބިރުވެތިވާ، އެކަލާނގެއަށް ކިޔަމަންތެރި ބައެއް ކަމުގައި ލައްވާށި! އާމީން!

     

    ކޭއްތަ ނަމާދު ކުރާނެ ގޮތް...

     

    ކޭތަނަމާދަކީ؛ އިރުކޭތަ ނުވަތަ ހަނދުކޭތަ ހިފަން ފެށުމުން އެ ވީއްލުމާއި ދެމެދުގައި ކުރެވޭ ނަމާދެކެވެ. رسول الله صلى الله عليه وسلم ގެ އަރިހުން ސާބިތު ނަމާދެކެވެ. البخاري އާއި مسلم ގައި އަދި ސުނަންގެ އެއްމެހައި ފޮތްތަކެއްގައި ވަރަށް ގިނަ އަސްހާބުންގެ އަރިހުން އިތުރު އެކަލޭގެފާނުން ކޭތަ ނަމާދު ކުރެއްވިކަން ސާބިތު ވެއެވެ.

    ކޭތަނަމާދަކީ ސުންނަތްކަން ގަދަވެގެންވާ ނަމާދެކެވެ. އެނަމާދު ކުރުން ސުންނަތްވެގެންވާ ގޮތަކީ؛ ކޭތަހިފަން ފެށުމުން މިސްކިތުގައި ޖަމާއަތުގައެވެ. އަދި ޖަމާއަތަށް ގޮވާނީ (الصلاة جامعة( މިފަދައިންނެވެ. ޖަމާއަތެއް ނެއްނަމަ އެކަނިންވެސް ކުރެވޭނެއެވެ.

    މިނަމާދުގެ ވަނީ ދެރަކުއަތެވެ. ކޮންމެ ރަކުއަތެއްގައި ދެ ރުކޫޢާއި ދެ ސަޖިދައެވެ. އެހެންވެސް ނަމާދުފަދައިން ނަމާދު ފަށައި ފާތިހާ ސޫރަތް ކިޔަވައި، ދިގުކޮށް (ގާތްގަނޑަކަށް ބަޤަރާ ސޫރަތުގެ ދިގުމިނަށް) ކިޔަވާނީއެވެ. އެއަށްފަހު الله أكبر ކިޔައި ރުކޫއަށް ގޮސް ދިގުކޮށް ރުކޫ ކުރާނީއެވެ. އެއީ ޤިޔާމަށްވުރެ ތަންކޮޅެއް ކުރުކޮށެވެ. ދެން سمع الله لمن حمده، ربنا ولك الحمد ކިޔައި ރުކޫއިން ތެދުވާނީއެވެ. ދެން ފުރަތަމަ ޤިޔާމުފަދައިން ދިގުކޮށް ކިޔަވައި ޤިޔާމު ކުރާނީއެވެ. އެއީ ފުރަތަމަ ޤިރާއަތަށްވުރެ ކުރުކޮށެވެ. ދެން އަނެއްކާވެސް ރުކޫއު ކުރާނީއެވެ. އެއީ ފުރަތަމަ ރުކޫޢަށްވުރެ ކުރުކޮށެވެ. ދެން ރުކޫޢިން ތެދުވެ، الله أكبر ކިޔައި ސަޖިދަކުރާނީއެވެ. އަދި ސަޖިދައިގައިވެސް ތަސްބީހަކިޔާނީ ދިގުކޮށެވެ. ފުރަތަމަ ސަޖިދައަށްވުރެ ދެވަނަ ސަޖިދަ ކުރުކޮށެވެ. ދެވަނަ ސަޖިދައަށްފަހު ދެވަނަ ރަކުޢަތަށް ތެދުވެ، ކުރީ ރަކުއަތް ފަދައިން ދެވަަނަ ރަކުޢަތްވެސް ކުރާނީއެވެ. އެއީ ފުރަތަމަ ރަކުޢަތަށްވުރެ ކުރު ކޮށެވެ. މިފަދައިން البخاري އާއި مسلم عائشة އާއި ابن عباس رضي الله عنهما ގެ އަރިހުން ރިވާކުރެއްވިއެވެ. ބައެއް ރިވާޔަތްތަކުގައި ރުކޫޢުގެ އަދަދު ދެއަކަށްވުރެ އިތުރުކޮށް ވާރިދުވެފައިވެއެވެ. ވީމައި ދެ ރުކޫޢަށްވުރެ އިތުރުކޮށްވެސް ރުކޫޢު ކުރެވިދާނެއެވެ.

    ނަމާދަށްފަހުގައި ޚުޠުބާއެއް ކިޔައި ވަޢުޡު ނަސޭހަތެއް ދިނުން މުސްތަޙއްބު ވެގެންވެއެވެ. ކައުއިތުރު ރަސޫލާ رسول الله صلى الله عليه وسلم ކޭތަ ނަމާދަށް ފަހުގައި މީސްތަކުންނަށް ވަޢުޡު ވިދާޅުވިއެވެ. ހަމައެފަދައިން؛ ދުޢާއާއި އިސްތިޣްފާރު ކުރުމާއި ތަކުބީރާއި ޛިކުރު ގިނަކުރުމާއި ޞަދަގާތް ކުރުން އެދެވިގެންވެއެވެ. [البخاري އާއި مسلم].

     

     

    24 محرم 1431هـ / 10- 01- 2010މ



    ރަޙްމަތްތެރިއަކަށް މިޞަފްޙާ އީމެއިލް ކުރައްވާ